ސެމްސަންގް ކުންފުނިން އަލަށް ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ ފޯލްޑަބަލް ފޯނުތައް ކަމަށްވާ ގެލެކްސީ Z ފޯލްޑް 8 އަދި Z ފޯލްޑް ވައިޑް އާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ލީކުވެއްޖެއެވެ. ބެލެވޭ ގޮތުގައި މި އާ ފޯނުތައް ރަސްމީކޮށް ދައްކާލާނީ މިއަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހުއެވެ.
ލީކުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު، ގެލެކްސީ Z ފޯލްޑް 8 ގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެންމެ ފަހުގެ ކުއަލްކޮމް ސްނެޕްޑްރެގަން 8 އެލީޓް ޖެން 5 ޕްރޮސެސަރެކެވެ. މި ފޯނަކީ ބަރުދަނުގައި 210 ގްރާމް ހުންނަ، އަދި ހުޅުވާލުމުން އެންމެ 4.1 މިލިމީޓަރުގެ ތުނި ފޯނެކެވެ. މިއީ މިހާތަނަށް ނެރޭ އެންމެ ތުނި ފޯލްޑަބަލް ފޯނުތަކުގެ ތެރޭގައި ހިމެނޭނެ މޮޑެލްއެކެވެ.
ކެމެރާގެ ފެންވަރަށް ބަލާއިރު، Z ފޯލްޑް 8 ގައި 200 މެގަޕިކްސެލްގެ މައި ކެމެރާއަކާއި 50 މެގަޕިކްސެލްގެ އަލްޓްރާވައިޑް ސެންސަރެއް ހިމެނެއެވެ. މީގެ އިތުރުން މި ފޯނުގައި 5,000mAh ގެ ބޮޑު ބެޓެރިއެއް ހިމެނޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ސީރީޒްގައި ހިމެނޭ ގެލެކްސީ Z ފޯލްޑް ވައިޑް މޮޑެލްއާ ގުޅޭ ތަފްސީލުތައްވެސް ވަނީ ހާމަވެފައެވެ. މި މޮޑެލްގައި 7.6 އިންޗީގެ އެތެރޭ ޑިސްޕްލޭއަކާއި 4,800mAh ގެ ބެޓެރިއެއް ހިމެނެއެވެ. މި ފޯނުގެ ފަހަތުގައި 50 މެގަޕިކްސެލްގެ ދެ ކެމެރާ ހިމެނޭއިރު، މީގެ ބަރުދަނަކީ ގާތްގަނޑަކަށް 200 ގްރާމެވެ.
ޓެކްނޮލޮޖީ ދާއިރާގެ މާހިރުން ލަފާކުރާ ގޮތުގައި މި ދެ ފޯނަށްވެސް 45 ވޮޓްގެ ހަލުވި ޗާޖިންގް ސަޕޯޓް ކުރާނެއެވެ. މިއީ ސެމްސަންގްގެ ފޯލްޑަބަލް ފޯނުތަކަށް ގެންނަ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.